.webp&w=3840&q=75)
-
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ ކަންކަން މިއަދު ފެށިފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.
އަދި މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މިމަހުގެ 22 ވަނަ ދުވަހު ވަނީ ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލާފައި އެވެ.
އެގޮތުން އެމަސައްކަތް ފެށުމާއި ގުޅިގެން ޕީޖީ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން އިއްޔެއިން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށާއި މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. މި އެސެސްމަންޓަކީ ޕީޖީ އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެކެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އެއެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. އެގޮތުން ލުއި ދެވޭނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދެވޭނެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދަށް ލުއި ދިނުމަށް އެދި މި އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އިން ހުށަހެޅިދާނެއެވެ. ނުވަތަ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން ޕީޖީ އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދޭ ފޯމު، މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުންވެސް މި ފޯމު ލިބުމުގެ އިންތިޒާމު ޕީޖީ އޮފީހުން ހަމަޖައްސާނެ ކަމަށްވެސް ވަނީ ބަޔާނުގައި ބުނެފައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރައީސް މުއިއްޒު ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް އަމުރުކުރައްވައިފި

ހުޅުމާލޭގައި ތަރައްޤީކުރާ ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަށް ޚާއްސަ ކުންފުންޏެއް އުފައްދައިފި
