logoEN
Sto top
ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި

ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/27/2025, 6:02:02 AM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

-

ލ. ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

Wamco

މި މަޝްވަރާކޮށްފައިވަނީ މި މަހުގެ 26ވަނަ ދުވަހުއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު މެމްބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަކޮށްފައިވާ ފެސިލިޓީ ޤާއިމުކުރުމަށް ބޭނުންވާ ލޭންޑް އޭރިއާ އެލޮކޭޝަން އާއި ޓްރީޓްމަންޓް ޕްލޭންގެ ބާވަތްތައް ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި މުޖުތަމަޢުގެ ތެރޭގައި ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ލިބެން ހުރި މިންވަރު އިތުރުވަމުންދާތީ އެކަމަށް ޙައްލު ހޯދުމުގައި މިފަދަ ސެންޓަރެއްގެ ސްޓްރެޓެޖިކް މުހިންމުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ލ. ގަމު ކައުންސިލްގެ ރައީސާއި އެންޑީއޭގެ ބޯޑު މެމްބަރުންނާއި ޓެކްނިކަލް ސްޓާފުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފަވާއިރު މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައިސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 02ވަނަ ދުވަހުއެވެ.

2011ވަނަ އަހަރު އެކުލަވާލައި އަމަލުކުރަން ފެށި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އުފެދުނު ނޭޝަންލް ޑްރަގް އެޖެންސީއަކީ އެކަމުގެ އެންމެ ބޮޑު މަސްޢޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާއެވެ.

އެންޑީއޭގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިާޔސަތުތައް ތަންފީޛުކުރުން ހިމެނެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުމަކީވެސް އެންޑީއޭގެ މަސްޢޫލިއްޔަތެއްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside