
--
މޯލްޑިވްސް އިމިގްރޭޝަނުގެ ކުރީގް އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދަޢުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރު ޖެނަރަލްގެ އޮފީހުން ބުނީ ޝަމްޢާންގެ މައްޗަށް ދައުވާ އުފުލާ މައްސަލަ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.
އެގޮތުން ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާ ދައުވާ ތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި ދަޢުވާތަކުގެ ތެރެއިން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ. ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އަދަބަކީ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ. މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެކެވެ. އަދި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެ އެވެ.
ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވާ އަނެއް ހަަތަރު މީހުންގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލާފަ އެވެ.







