
--
ދިވެހި ޕާސްޕޯޓަށް ރައްކާތެރިވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިވަޑައިގެންފިއެވެ.

ޕާސްޕޯޓަށް ރައްކާތެރިވުމަށް އިމިގްރޭޝަނުން އެދިފަވާއިރު ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓުގެ މަޤާމު ޖެހިޖެހިގެން 6 ވަނަ އަހަރު ރާއްޖޭން މިވަނީ ދަމަހައްޓާފައެވެ.
ޕާސްޕޯޓަކީ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ ސެކިއުރިޓީ ޑޮކިއުމަންޓެއްކަމުން، ޕާސްޕޯޓު އަބަދުވެސް ރައްކާތެރިކަމާއެކު ގެންގުޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ މުއްދަތު އޮތް ޕާސްޕޯޓެއް ގެއްލިޖެނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ގޭތެރޭގައި ކުޑަކުދިންގެ އަތްފޯރާ ހިސާބުގައި ފާސްޕޯޓް ނުބެހެއްޓުމަށާއި ކުޑަކުދިން އަތުން ބައެއް ފަހަރު ޕާސްޕޯޓުގައި ކުރެހި ނުވަތަ ގަނޑުތައް ވީދިފައި ހުންނާތީ އެކަމަށް ސަމާލުވުމަކީ އިމިގްރޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ.
މީގެ އިތުރުން އަތްދަބަސް ފަދަ ތަކެތީގައި އަބަދު ޕާސްޕޯޓު ނުބެހެއްޓުމަށާއި ބައެއް ހާލަތްތަކުގައި ދަބަސް ގެއްލި ނުވަތަ ތެމިގެން ވެސް ޕާސްޕޯޓު ހަލާކުވާތީ އެކަމަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އަދި ގެދޮރު ބަދަލުވާއިރު ޕާސްޕޯޓަށް ރައްކާތެރިވުމަށް އެދި އިމިގްރޭޝަނުން ވަނީ ބައެއް ހާލަތްތަކުގައި ޕާސްޕޯޓް ލެވޭތަނެއް ނޭނގި ގެއްލިގެން އެކި ފަރާތްތަކުން ރިޕޯޓްކުރާކަންވެސް ފާހަގަކޮށްފައެވެ.
"ހެންލީ ޕާސްޕޯޓް އިންޑެކްސް"އިން ދައްކާގޮތުގައި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 53 ވަނައިގައެވެ.
ވިޒާއާއި ނުލާ ދަތުރުކުރެވޭ ޤައުމުތަކުގެ ނިސްބަތުން، ޤައުމުތަކުގެ ޕާސްޕޯޓު ރޭންކު ކުރުމަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އާއްމުކުރާ "ހެންލީ ޕާސްޕޯޓް އިންޑެކްސް"އިން ދަނީ މަހުން މަހަށް ޕާސްޕޯޓުތައް ރޭންކްކުރަމުންނެވެ. މިއިންޑެކްސްއިން ދައްކާގޮތުގައި ރާއްޖޭގެ ޕާސްޕޯޓުވަނީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތް މަޤާމު އަނެއްކާވެސް ދަމަހައްޓާފައެވެ.
ހެންލީ އެންޑް ޕާޓްނަރސްއިން ބަލަހައްޓަމުންދާ 199 ޕާސްޕޯޓުގެ ތެރެއިން ދިވެހި ޕާސްޕޯޓު ހިމެނިފައިވަނީ ރޭންކިންގެ 53 ވަނައިގައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އޮތީ މިލިސްޓުގެ 57 ވަނައިގައެވެ. ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ 94 ޤައުމަކަށް ވިޒާއާ ނުލާ ދަތުރުކުރެވެއެވެ.
އަވައްޓެރި އިންޑިއާ އޮތީ މިލިސްޓުގެ 85 ވަނައިގައެވެ. އަދި ސްރީ ލަންކާ އޮތީ 96 ވަނައިގައެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމު ދަމަހައްޓާފައިވަނީ ވިޒާއާ ނުލާ 195 ޤައުމަކަށް ދަތުރުކުރެވޭ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ހެންލީ އެންޑް ޕާޓްނަރސްއިން، ހެންލީ ޕާސްޕޯޓު އިންޑެކްސް ލިސްޓު އާންމު ކުރަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އައިއޭޓީއޭގެ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.
ގުޅުންހުރި

އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ!

ދެ ސަރަހައްދެއް ބަލާފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 35 ބިދޭސީން ހައްޔަރުކޮށްފި

ސައްޚަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރުކޮށްފި
