
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަ ވަނަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ ހަ ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ.
ސްޕެޝަލް ކޮންސްޓަބުލަރީ 16 އަންހެން ފުލުހުންނާއި 11 ފިރިހެން ފުލުހުން ހިމެނޭހެން ޖުމުލަ 27 ބައިވެރިން ފުރިހަމަކުރި މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލް ޝުނާން އަންވަރުއެވެ.
މިދިޔަ އެޕްރީލް މަހުގެ 13 އިން މި މެއި މަހުގެ 8 އަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކޯހެކެވެ. ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރުތަކާއި އިލްމު މި ކޯހުގައި އުނގަންނައިދީފައިވެއެވެ
މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.