
--
ގދ. ނަޑެއްލާއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަކަން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ކަމަށެވެ.
ފުލުހުން ބުނީ 2025 މެއި 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑެއްލާއަށް ކައިރިކުރި “ އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށެވެ.
މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާއިރު އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތްދަނީ ކުރަމުންނެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.