
--
ރާއްޖެއިން މިހާރު ކުރަމުންދާ ވިއްސާރައާއި އެކު ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ފ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާއި ހަމައަށް މިރޭގެ 18:30 އިން 00:30 އަށެވެ.
އެގޮތުން ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެމެންދޫ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އެުފެދޭ ވިއްސާރަވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއާއި އެކު ފާއިތުވި 24 ގަޑިއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައި އެވެ.
އަދި މާދަމާގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރާކުރާނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެއިދާރާއިން ބުނެއެވެ. އަދި ބައެއް ހިސާބުތކަށް އާންމުވައި ގަދަވުމާއި އެކު ކަނޑުތައް ގަވަވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެއިދާރާއިން ބުނެއެވެ.