logoEN
Sto top
ހުޅުމާލެއަށް 21: އާއިލީ ކާނިމަލް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު!

ހުޅުމާލެއަށް 21: އާއިލީ ކާނިމަލް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު!

އަހުމަދު ޝުރާއު

logo

5/7/2025, 10:22:56 AM

# އެޗްޑީސީ

--

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީޑިވޮލަޕްމަންޓް ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

Wamco

އެޗްޑީސީން ބުނީ އެހަރަކާތަކީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެ، ކުދި ބޮޑު އެންމެންވެގެން ހިތްގައިމު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން، މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.

މި ކާނިވަލްގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބެހެއްޓިފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެ ކަމަށާއި ހަމައެހެންމެ މި އިވެންޓުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:

  1. ރޮބޯމޭން ޕާފޯމެންސް
  2. އެކްޓިވިޓީ ސްޓޯލްތައް
  3. ގޭމް ސްޓޯލްތައް
  4. އިންފްލޭޓަބަލް ކާނިވާ ގޭމްސް
  5. ފޮޓޯ/ވީޑިއޯ ބޫތު
  6. ފޯމް ޕާޓީ
  7. ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)
  8. ޓްރެފިކް ޕާކް
  9. ޑެންޓަލް ޗެކަޕް

މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުއެވެ. އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުންނެވެ. އަދި މި ކާނިވަލްގައި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ މި ކާނިވަލް ކުރިއަށްގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކުގައި ކަމަށާއި އެގޮތުން، ފުލުހުންނާއި،އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯއާއި، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ހިމެނޭ ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside