
ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ބޯޓު ފެނިއްޖެ: އެންމެންގެ ހާލު ރަނގަޅު!
# އެމްއެންޑީއެފް-
ގދ.ގައްދޫން ފުރައިގެން މާލެ ދަތުރު ކުރަމުންދަނިކޮށް ގެއްލުނު "ކަށި ވާލި" (ބްރިލިއަންޓް ކެރިއަރ) ދޯނި ފެނިއްޖެ އެވެ.

ސިފައިން މިއަދު ބުނީ ބްރިލިއަންޓް ކެރިއަރ ދޯނީގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދަން ކުރި މަސައްކަތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހޯދާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމުން، ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްފައިވާ ކަމަށް ސިފައިން ބުނެއެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ އެޕްރީލު 29 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު، ގއ.ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމަށް ސިފައިން ބުނެއެވެ.
އަދި ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަންވެސް ސިފައިން ވަނީ ހާމަކޮށްފައި އެވެ.