
--
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 71ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ.

އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 71ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނެވެ. ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާން، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން ވަނީ ދަރިވަރުންނާ މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ސިފައިންގެ 71ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ކޯހުގެ ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަކަށް ދެވޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ރެކްރޫޓް ފަޞުޙާ އަޙްމަދު (ސ.ނ 8823) އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދެވޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ރެކްރޫޓް އަނާން މޫސާ (ސ.ނ 8940) ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަކަށް ދެވޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ރެކްރޫޓް ޔައިޝް މުޙައްމަދު ނަޢީމް (ސ.ނ 8836) އެވެ. އަދި މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ދެވޭ "މޭޖަރ ރިޓަޔާޑް ޙުސައިން ޝާކިރު އެވޯޑް" ހާސިލުކޮށްފައިވަނީ ރެކްރޫޓް ޝައިހާން ޢަލީ (ސ.ނ 8911) އެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ރެކްރޫޓް ޔައިޝް މުޙައްމަދު ނަޢީމް (ސ.ނ 8836) ހޮވުނު އިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު އިވާޒް ޒާހިރު (ސ.ނ 8723) އެވެ. އަދި، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިބްރާހީމް މިރުޝަލް މުޙައްމަދު (ސ.ނ 8910) ހޮވުނު އިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޝައިހާން ޢަލީ (ސ.ނ 8911) އެވެ. އަދި ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ފާތިމަތު މިޒުނާ ޙަސަން (ސ.ނ 8918) އެވެ.
މި ކޯހުން 115 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 105 ފިރިހެން ދަރިވަރުންނާއި 10 އަންހެން ދަރިވަރުންނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2024 އޮކްޓޫބަރު 19 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.