
ނަޒާހާ މުޒާހަރާއަށް: ބުނީ އިސްތިއުފާ ނުދީ ހުރީ ނިޒާމު ބަދަލުކުރެވޭނީ ނިޒާމުގެ ތެރޭގައި ހުރެގެން ކަމަށް ގަބޫލުކުރާތީ ކަމަށް!
# ޔުމްނު ވެއްޓުނު ހާދިސާ--
ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީއިން އިސްތިއުފާ ނުދީ ހުރި ސަބަބު އެކޮމެޓީގެ ނައިބު ރައީސް ނަޒާހާ ނަޒީމް ޒުވާނުންގެ ކުރިމަތީގައި ހުއްޓިހުރެ ހާމަކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން ޔުމްނު ރަޝީދު ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ގިނަ އަދަދެއްގެ ޒުވާނުން އަޑުއުފުލަމުން ދަނިކޮށް ނަޒާހާ ވަނީ މިރޭ އެމުޒާހަރާއަށް ގޮސްފައި އެވެ. އަދި ވާހަކަދައްކަން ފުރުސަތު ހޯދައި ނަޒާހާ ވަނީ މަގާމުން އިސްތިއުފާ ނުދޭ ކަމަށާއި ނަމަވެސް ބޯޑުގެ ގިނަ މެމްބަރުންތަކެއް މިހާރު އިސްތިއުފާ ދީފައިވާ ކަމަށެވެ.
އަދި ޔުމްނުގެ މައްސަލާގައި ޒުވާނުންގެ ލަފާދޭ ކޮމެޓީއަށް ވެސް ވަރަށް ބޮޑަށް ޕްރެޝަރުތައް އައިސްފައިވާ ކަމަށާއި ޒުވާނުން އަޑުއުފުލަމުންދާ ކަންކަމަކީ "ޖަސްޓިފައިބަލް" ކަންކަން ކަމަށެވެ.
އަދި މިވަގުތާއި ހަމައަށްވެސް އިސްތިއުފާ ނުދީ ހުރީ ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމްގެ ތެރެއިންކަމަށް ގަބޫލުކުރާތީ ކަމަށް ނަޒާހާ ވަނީ ބުނެފައި އެވެ. އަދި ކޮންމެ މީހަކީވެސް "ރިޕްލޭސް" ކުރެވޭނެ މީހެއް ކަމަށާއި މަގާމުގައި ހުރެގެން ބޭނުންވަނީ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ކަމަށް ނަޒާހާ ވަނީ ބުނެފައި އެވެ.
ނަޒާހާގެ ވާހަކަތަކަށް މުޒާހާރާގެ ބައިވެރިންގެ ފަރާތުން ނުރުހުން ވަނީ އަމާޒުވެފައި އެވެ.
މިރޭގެ މުޒާހަރާގައި ޒުވާނުން ވަނީ ޒުވާނުންގެ ބޮޑުގެ މެމްބަރުންގެ އިސްތިއުފާ ގޮވާލާފައި އެވެ.
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި ގުޅިގެން ފެންމަތިވި މައްސަލަތަކެއްގައި އެކޮމެޓީގެ ރައީސް ދާވޫދު އަހުމަދު ޒިލާލް ވަނީ މަގާމުން ވަކިކޮށްފައި އެވެ. ނަމަވެސް އޭނާ ރައީސް އޮފީހުގައި އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން ވަކިނުކޮށް ސަރުކާރުން ވަނީ އޭނާ ސަސްޕެންޑުކޮށްފައި އެވެ.
އަދި އަންހެން މީހާ ވެއްޓުނު މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ދާވޫދުގެ ކޮއްކޮ ރައުދު އަހުމަދު ޒިލާލް އެވެ.