
ޔުމްނު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ސަރުކާރުން އިންތިޒާމުތައް ހަމަޖައްސައިދީފި - އާއިލާ
# ޔުމްނު ވެއްޓުނު ހާދިސާ--
މިދިޔަ ހުކުރު ދުވަހު މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށްޓަކައި ސަރުކާރުން އިންތިޒާމުތައް ހަމަޖައްސައިދީފި ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.

މި މައްސަލާގައި ޔުމްނުގެ ޕަވާ އޮފް އެޓާނީއަކަށް އޭނާގެ އާއިލާއިން ހަމަޖައްސާފައިވަނީ އެ އާއިލާގެ މެމްބަރެއް ކަމަށްވާ މޫމިން މައުމޫން އެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން މޫމިން މައުމޫން ބުނީ ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާކަމަށާއި އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަޑުކުރަމުންދަނީ ސަރުކާރުން ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާތީ ކަމަށާއި މާދަމާ ވެސް ފްލައިޓެއް ލިބިއްޖެ ނަމަ ފުރަން ޖެހިދާނެ ކަމަށެވެ. އަދި ޔުމްނުގެ ބޭސްފަރުވާގެ ކަންކަން ކުރިޔަށްދާނީ ސަރުކާރުގެ ހަރަދުގައި ކަން މޫމިން ފާހަގަކުރިއެވެ.
އާއިލާއިން މިފަދައިން ބުނިއިރު ޔުމްނު ފުރުވާލުމަށް އެއާއިލާއިން މަސައްކަތްކުރަމުންދާ ދެތިން ދުވަސް ވެއްޖެ އެވެ. އަދި އެކަމަށް އޭރު ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށްބުނެ އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ރާއްޖޭގެ މަޝްރަހު އޮތީ ވަރަށް ބޮޑަށް ހޫނުވެފައި އެވެ. އެގޮތުން ޔުމްނު ވެއްޓުނު ހާދިސާގައި ރާއްޖޭގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކުގެ ދަރިން ހިމެނޭކަމަށާއި މައްސަލައިގެ ތަހުގީގަށް އެފަރާތްތަކުން ނުފޫޒު ފޯރުވާކަމަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފުލުހުން ވެސް ތަހުގީގާއި ގުޅިގެން ހާމަކުރި ބައެއް މައުލޫމާތު ތަކުގައި ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނާގޮތުގައި ޔުމްނު ވެއްޓުނީ އަމިއްލައަށެވެ. ނަމަވެސް ޔުމްނު ވެއްޓުމުގެ ކުރީން އޭނާއާއި އެކު ވެއްޓުނު އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް ޔުމްނު ވެއްޓުމުގައި ބައިވެރިވުމެއް އޮތް ކަމަށް އިއްޔެ ފުލުހުން ވަނީ ކޯޓުގައި ބުނެފައި އެވެ. އަދި ހާދިސާ ހިނގިތާ 6 ދުވަސްފަހުން ރައުދު ހައްޔަރުކުރި އިރު ރައުދު ހައްޔަރުކުރަން ކޯޓުން އަމުރު ދިނީވެސް އެކަން ފުލުހުން ކޯޓުގައި ހާމަކުރަމުންނެވެ.