
ރައީސް މުއިއްޒުގެ ޒައާމަތުގައި މީގެކުރިން އަސްކަރިއްޔާ ނުދެކޭހާ ގާބިލްކަމާއި ކުރިއެރުން ދަނީ ފެންނަމުން - ހިލްމީ
# ދިވެހި އަސްކަރިއްޔާ--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އެންމެ ވަރުގަދަ ކުރެވެމުންދާ ޒައާމާތުގެ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފަކުރައްވައިފި އެވެ.

133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސިފައިންގެ މަރުކަޒު ކަޅުތުއްކަލާ ކޮށީފައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިލްމީ ވިދާޅުވީ ދިވެހި ސިފައިންނަކީ ޤާނޫނު އަސާސީން މަތިކޮށްފައިވާ ދިވެހި ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހީން ހިމާޔަތްކުރުމުގެ މަތިވެރި ވާޖިބު މަތީ ތިބި ބައެއްކަމުގައި އެވެ.
އަދި ފެހި ގާނޫނު އަސާސީއާއި އެކު 2008 ވަނަ އަހަރުން ފެށިގެން ސިފައިންގެ ޤާނޫނަށް އަމަލުކުރަމުން އައިނަމަވެސް އެ ޤާނޫނުގައި ބަޔާންކުރާ ވައިގެ ބާރު ރައީސް މުއިއްޒުގެ ވެރިކަމާއި ހަމައަށްވެސް އުފައްދާފައި ނުވާކަމަށާއި ނަމަވެސް ރައީސް މުއިއްޒު އަދި ސިފައިންގެ އެންމެ މަތީވެރިޔާ އެ ބާރުވެސް ސިފައިންގެތެރޭގައި އުފެއްދެވިކަން ހިލްމީ ފާހަގަކުރެއްވި އެވެ.
އަދި ކަނޑުގެ ބަރާއި އެއްގަމުގެ ބާރު ވަރުގަދަކުރުމަށްވެސް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަންވެސް ހާމަކުރެއްވި އެވެ.
ހިލްމީ ވިދާޅުވީ މިވިހާތަނަށް އަސްކަރިއްޔާ ނުދެކޭހާ ޤާބިލްކަން މިއަދު ދިވެހި އަސްކަރިއްޔާއިން ދެކެމުން އަންނަކަމަށާއި މި ރިޔާސީ ދައުރުގައި ދިވެހި އަސްކަރިއްޔާ އެތަކެއް ގުނަ ވަރުގަދަވާނެކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މި ޤައުމުދެކެ ލޯބިވާ، ފަޚުރުވެރިވާ ޤައުމީ ލީޑަރެއްކަން ފާހަގަކުރައްވައި ޙިލްމީ ވަނީ ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.