
--
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އަސްކަރިއްޔާއަށް ސަރުކަރުން ހޯދައިދޭ ތަކެއްޗާމެދު މުޅި ގައުމު ފަހުރުވެރިވާން ޖެހޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްދާ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަސްކަރިއްޔާގެ ކެޕޭސިޓީ އިތުރުކުރުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވާޖިބެއް ކަމަށާއި އެއީ ކޮންމެހެން ލަދު ގަންނާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ސިފައިންނަށް ހޯދައިދޭން ޖެހޭ ވަސީލާތްތައް ހޯދައިދިނުމާއި ސިފައިންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި ސިފައިންގެ ބާރު ވަރުގަދަ ކުރުމަކީ ދިވެހީން ފަހުރުވެރިވާން ޖެހޭ ވަރުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
" ސިފައިންނަށް އެކިއެކި ތަކެތި ހޯދައިދިނީމާ އެކަމާއި ލަދުގަންނަނަމަ އެކަމާއި ތިމާގެ އަމިއްލާ ނަފްސާއި އެބަ ޖެހޭ ސުވާލުކޮށްލަން، ތިމަންނަގެ ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައި ތޯ. ތިމަންނާއަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއް ތޯ " ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ދިވެހި ގައުމަށް އުފަންވި މީހެއް ނަމަ ގައުމީ ލޯބި ހުންނަން ޖެހޭނެ ކަމަށާއި އެގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ދިވެހި އަސްކަރިއްޔާއަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް ފަހުރުވެރިވާން ޖެހޭނެ ކަމަށެވެ.
ގައުމީ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ މިނިވަން މުސްތަގިލް ގައުމުގެ ހިމާޔާތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަން ކަމަށްޓަކާއި އެމިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ދާދި ފަހުން ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ފައުޖަށް އައު އުޅަނދުތަކެއް ގެނައުމާއި ގުޅިގެން އިދިކޮޅުގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު އަސްކަރިއްޔާއަށް ގެނައި ޑްރޯންތަކާއި އެކުވެސް އޭރުވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ.
ގުޅުންހުރި

ސިފައިންނަށް ހޯދައިދޭ ތަކެއްޗާއިމެދު މުޅި ގައުމު ފަހުރުވެރިވާން ޖެހޭ - ރައީސް

މިއަހަރު ދިވެހި ސިފައިންގެ ޝިޢާރަކަށް "ޤާބިލު އަސްކަރިއްޔާ – ޤައުމުގެ ފަޚުރު"!

ޕަވަރ ބޭންކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަހުވަދޫގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް!
