
ފޮޓޮ: އަވަސް
ވަގުތީ ޖަލު އެޅުމަށް ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިން ހަމަޖައްސައިފިއެވެ.

ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުމެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިމާމެދު ގޮތެއް ނިންމުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އަދި ކަރެކްޝަންސާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި މިމަޝްވަރާތަކަށް ފަހު ވަގުތީ ގޮތުން ޖަލެއް އެޅުމަށް އެތަން ކަރެކްޝަންސަށް ދޫކުރުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 3 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭތީ މިހާރު ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ޖަލެއް އެޅުމަށްޓަކައި މިބިން ހަމަޖެއްސީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުރިހާ ޖަލުތަކެއް އެއްކޮށްލައި ސެންޓްރަލް ޖަލެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އެއާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް ކަމަށާއި މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށާއި މިކަން ހައްލުކުރުމަށް ދިރާސާކޮށް ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ސެންޓްރަލް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެއެވެ.
ވަޒީރު ވިދާޅުވީ، މި ޖަލު ވެގެންދާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިޓޭޝަން ފަރުވާ ގައިދީންނަށް ދެވޭނެގޮތަށް ފަރުމާކުރާ ތަނަކަށް ކަމަށެވެ.
ގުޅުންހުރި

ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިމުގައި ވަގުތީ ޖަލެއް އަޅަނީ

ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ
