
--
ސަރުކާރަށް ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގެ ގޭހުގެ މައި ކުންފުނި މޯލްޑިވް ގޭހަށް ގޭސް ގެނައުމުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ގޮތަށް ނިންމީ މިއަދު އެސްޓީއޯއިން ބޭއްވި ބޯޑު ބައްދަލުވުމެއްގައި އެވެ.
މިކަން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައި އެވެ.
އެގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮތް މޯލްޑިވް ގޭސް އަށް ގޭސް ގެނައުމާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދަން މިއަދު ފާސްކުރުމުން އެ ކަންކަން މީގެ ފަހުން ކުރާނީ އެސްޓީއޯއިން ކަމަށެވެ. ނަމަވެސް އެސްޓީއޯއިން ކުއްލި ގޮތަކަށް މި ނިންމުން ނިންމި ސީދާ ސަބަބެއް ޝާހު ހާމައެއް ނުކުރެއެވެ.
އެސްޓީއޯގެ ބޯޑުން މި ނިންމި އިރު ދުބާއީގެ ޖަކްޝާ އެނާޖީ ކުންފުނި މެދުވެރިކޮށް ގޭސް ގަންނަން އެޑްވާންސް ފައިސާގެ ގޮތުގައި މޯލްޑިވް ގޭހުން ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައެއް ވަނީ ފެންމަތިވެފައި އެވެ. އަދި އެމައްސަލައާއި ގުޅިގެން މޯލްޑިވް ގޭހުގެ އެމްޑީއަށް ބޮޑެތު ތުހުމަތުތަކެއް ކުރެވިފައިވާއިރު އަދިވެސް އޭނާ ހުންނެވީ މަގާމުގައި އެވެ.
އަދި އެސްޓީއޯގެ ދަށަށް ގޭސް ގަތުމުގެ ބާރުތައް ގެންދާކަމަށް ދެކެވުނު ވާހަކަތައް އޭނާ ވަނީ މީގެ ކުރިން ދޮގުވެސް ކުރައްވާފައި އެވެ.