logoEN
Sto top
“ޖެނެރޭޝަނަލް ބޭން” ކަނޑައެޅުމާމެދު މިއަދު ކެބިނެޓުގައި ގޮތެއް ނިންމަނީ

“ޖެނެރޭޝަނަލް ބޭން” ކަނޑައެޅުމާމެދު މިއަދު ކެބިނެޓުގައި ގޮތެއް ނިންމަނީ

އަހުމަދު ޝުރާއު

logo

4/13/2025, 8:44:59 AM

# ރައީސް މުއިއްޒު

--

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމާއި މެދު މިއަދު ކެބިނެޓުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިފަދައިން ހާމަކުރެއްވީ މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް ސާވޭ 2022 އިން ދައްކާ ގޮތުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބު އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށް ދައްކާ ކަމަށެވެ. އަދި ރާއްޖޭގައި 84 އިންސައްތަ މީހުން ބަލިތަކާއި ގުޅިގެން މަރުވާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން 2021 ވަނަ އަހަރު ހެދި، ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާ ބެހޭ ސާވޭއިން ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާއި ދޭތެރޭގެ 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުންކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއި އެކު މުޅި ދުނިޔޭގައި ހެދުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިންވެސް ދައްކާގޮތުގައި ސްކޫލު އުމުރުފުރާގެ ކުދީންގެ ތެރެއިން 45 އިންސައްތަ ކުދީންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ބާވަތެއްގެ ނިކޮޓިން ބޭނުންކުރާ ކުދީން ކަމަށާއި މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމެއްގައި ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ރާއްޖޭގެ ޒުވާނުންނާއި ޖުމްލަކޮށް މުޅި އާބާދީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ބަލިތަކުން ސަލާމަތްކުރުމަށް ސަރުކާރުން އެންމެންނާ ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ބަލިތަކުން ސަލާމަތް ކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ސާވޭ ސޯޝަލް މީޑީޔާގެ އެކި ޒަރީޔާޓަކުގައި ހަދައި ޑަބްލިއު އެޗްއޯ އާއި ޔުނިސެފް ފަދަ ފަރާތްތަކާއި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި މިއަދުގެ ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން އާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އެ ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް އިރާދަ ކުރެއްވިއްޔާ މި ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ ޖީލު ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމައުއަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމައުއަކަށް ނުހެދުމަށްޓަކައި މަޝްވަރާކޮށް ގޮތެއް ނިންމާނަން" ރައީސް ވިދާޅުވިއެވެ.

ޒުވާންޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކޮށްފައިވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އަދި އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ވަނީ ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.

ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ:

1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ޕޯލްގެ ނަތީޖާ ދައްކާގޮތުން ގިނަ ބަޔަކު ބުރަވަނީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside