
--
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އަހާ" ސިލްސިލާގެ ފަސް ވަނަ ފޯރަމް މިހިނގާ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް.) ގުޅިގެން ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްތަކެކެވެ.
ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގަންނަވާ ފަސް ވަޒީރުންނަކީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ޑޮކްޓަރ މަރްޔަމް މާރިޔާ, ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް އެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރެވޭނެއެވެ. މި ފޯރަމަށް ސުވާލުފޮނުވުމަށް އެސް.އެމް.އެސް ކުރާނީ AH ޖައްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަކަށެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބާއްވަވާ 'އަހާ' ފޯރަމް ދެ ގޮތަކަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބައެއް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސާފައިވާއިރު، އެހެން ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ވަޒީރުންނެވެ.
މި ސިލްސިލާގެ ފޯރަމްތަކުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.