
ނޭޕާލުގައި އިންޓަރންޝިޕް ފުރުސަތުތަކާއެކު އެމްބީބީއެސްއަށް ކިޔެވުމުގެ ފުރުސަތުތައް ފަހިކުރަނީ
# ހެލްތު މިނިސްޓްރީ-
ނޭޕާލުގައި އިންޓަރންޝިޕް ފުރުސަތުތަކާއެކު އެމްބީބީއެސް ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ތަމްރީނު ޕްރޮގްރާމްތައް އިތުރު ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ނޭޕާލުގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލް ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ބޭއްވި ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ 58) ގެ 58 ވަނަ ޖަލްސާގެ އެއްފަރާތުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ އަބްދުއްސަމަދު އަބްދުالله ވަނީ ނޭޕާލްގެ މިނިސްޓަރު އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަދީޕް ޕައުޑެލްއާ އެކު އުފެއްދުންތެރި ބައްދަލުވުމެއް ބާއްވައިފަ އެވެ.
މި މަޝްވަރާތަކުގައި އެންމެ މުހިންމު ކަމެއްގެ ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގެ މެޑިކަލް ޕްރޮފެޝަނަލުންނަށް ނޭޕާލުގައި ޕޯސްޓްގްރެޖުއޭޓް ސްޕެޝަލިޓީތަކާއި ސަބް ސްޕެޝަލިޓީ އަށް ކިޔެވުމުގެ އާ ފުރުސަތުތައް ހޯދުމުގެ އިތުރުން ނޭޕާލާއި އެކު ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ފައިނަލް ކުރުމާއި ގުޅޭގޮތުންނެވެ.
މީގެ އިތުރުން ކުރިއަށް އޮތް މަސްތަކުގައި ސޮއިކުރާނެ އިތުރު އެއްބަސްވުންތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާތައް ކުރެވިފައެވެ. އެގޮތުން މިހާރު އެންމެ ފަހުގެ މަރުހަލާގައި ކުރިއަށްދާއިރު، ދެގައުމުގެ ދެމެދުގައި ތައުލީމީ ފުރުޞަތުތައް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ރާއްޖެ އިން މީގެ ކުރިން ސޮއިކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން ޕޯސްޓްގްރެޖުއޭޓް ކިޔެވުމަށް ނޭޕާލަށް ދަރިވަރުން ފޮނުވާފައިވާއިރު، ރާއްޖޭގެ ބައެއް ދަރިވަރުން ވަނީ ޓްރިބުވާން ޔުނިވާސިޓީ އާއި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް (އެންއޭއެމްއެސް) އިން ކިޔަވާފަ އެވެ. 2015 ވަނަ އަހަރު ޓްރިބުވާން ޔުނިވާސިޓީގައި 8 ދަރިވަރަކު ކިޔަވާފައިވާއިރު، 12 ދަރިވަރަކު ނޭމްސްގައި ކިޔަވާފައިވެއެވެ. 2016 ވަނަ އަހަރު ޓްރިބުވާން ޔުނިވާސިޓީގައި 9 ދަރިވަރުން ކިޔަވާފައިވާއިރު، ނޭމްސްގައި 8 ދަރިވަރަކު ކިޔަވާފައިވެއެވެ.
2017 ވަނަ އަހަރު ޓްރިބުވާން ޔުނިވަރސިޓީއަށް 7 ދަރިވަރުން ގޮސްފައިވާއިރު، 2018 ވަނަ އަހަރު 11 ދަރިވަރަކު ނަމްސްގައި ކިޔަވާފައިވެއެވެ.
ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލް ވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް ނޭޕާލުގައި ކިޔެވުމާއި އިތުރު ހުނަރުތައް ހޯދުމުގެ ފުރުޞަތުތައް ކުރިއަށް އޮތްތނުގައި ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.