
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅެން ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް އިންތިގެ މަރުހަބާ!
# އެމްޑީޕީ - ޑިމޮކްރެޓްސް--
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގައި އެކުގައި މަސައްކަތްކުރުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްްވި ހުށަހެޅުމަށް ޑިމޮކްރެޓްސްގެ މިހާރުގެ ރައީސް އިމްތިޔާޒު ފަހުމީ ( އިންތި ) މަރުހަބާ ދަންނަވައިފި އެވެ.

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކުގައި 2023 ވަނަ އަހަރު އެޕާޓީއިން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވީ ރައީސް ނަޝީދު ފަހަތުގައި ހުންނަވައި އިމްތިޔާޒު ހިމެނޭހެން ނަޝީދުގެ "ލޯޔަލް" މެމްބަރުންތަކެކެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިގެންދިޔައީ ރައީސް ނަޝީދު އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ދެބޭފުޅުން ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވި ދުވަސްވަރު އާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތި އާއި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާދަކުރެއްވި ދުވަސްވަރު އެވެ. އިންތިއަށް ޗެއާޕާސަން އިންތިހާބުން ނާކާމިޔާބީއާއި ކުރަމަތިލާން ޖެހި ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދުއަށް ނާކާމިޔާބުވުމާއި އެކު ނަޝީދުގެ ފެކްޝަނުން އެމްޑީޕީއިން ވަކެވެ ޑިމޮކްރެޓްސް އުފެެއްދި އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެމްޑީޕީއާއި ދެކޮޅަށް ރަސްމީކޮށް އެޕާޓީން މަސައްކަތްކުރި އެވެ.
ނަމަވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑޮމޮކްރެޓްސްގެ ބާނީ، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެ އަށާއި އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށްވެސް އެންމެ ރަނގަޅު ގޮތަކީ ދެޕާޓީ ގުޅުން ކަމަށެވެ.
ނަޝީދުގެ މި ޕޯސްޓު ރިޓުވީޓު ކުރައްވާ އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
ނަޝީދު މިފަދައިން ކުއްލި ގޮތަކަށް ވިދާޅުވިއިރު ޑޮމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އެމްޑީޕީއާއި އަލުން ގުޅިފައި އެވެ. އަދި ނަޝީދު ވެސް ވަނީ ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގެންފައި އެވެ.
ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމެރީއަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން މިހާރު ވަނީ ސިއްރު ކެމްޕެއިންތައް ފަށާފައި އެވެ. އަދި ކުރީގެ ރައީސް ސޯލިހް ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމެވި ކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.