
--
މިދިޔަ މަހުގެ 28 ވަނަ ދުވަހު މިޔަންމާއަށް އައި ބޮޑު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3300 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގައި 3،354 މީހުން މަރުވެ، 4،508 މީހުން ޒަހަމްވެފައިވާ އިރު، 220 މީހުން ގެއްލިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ހޮނިހިރު ދުވަހު އާންމުކުރި އާ ތަފާސް ހިސާބުތަކުން ވަނީ ހާމަވެފައި އެވެ.
މި ކާރިސާއާއި އެކު ބޮޑެތި ގެއްލުންތަކެއް މިޔަންމާއަށް ލިބުނު އިރު އދ.ގެ އެންމެ އިސް އެހީގެ އޮފިޝަލަކު ވަނީ މިޔަންމާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ މަންޑަލޭގައި ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކުރައްވައި، އެ ސިޓީގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސިފަކުރައްވާފައެވެ.
"މިޔަންމާގެ ރައްޔިތުންގެ އެހީވުމަށް މުޅި ދުނިޔެ ތެދުވާން ޖެހޭ،" އދ ގެ އޮފިޝަލް ޓޮމް ފްލެޗާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މިޔަންމާއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ އަދި އިންޑިއާ ހިމެނޭއިރު، ގެއްލުނު މީހުން ހޯދުމުގައި އެހީތެރިވުމަށް ރެސްކިއު ޓީމުތައް މިޔަންމާއަށް އެގައުމުތަކުން ފޮނުވާފައިވެ އެވެ.
މަރުވި މީހުންގެ އައު ތަފާސްހިސާބުތައް އިއުލާނުކޮށްފައި މިވަނީ އެގައުމުގެ އަސްކަރީ ސަރުކާރުގެ ޗީފް ސީނިއާ ޖެނެރަލް މިން އަންގް ހްލައިންގް ހުކުރު ދުވަހު ބެންކޮކްގައި ބޭއްވި ސަރަހައްދީ ސަމިޓަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެންނެވި ދަނޑިވަޅެއްގައި އެވެ.