
--
ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގެޅިގެން ފެށި އީދު ހަވީރު މިއަދާއި މާދަމާވެސް ކުރިޔަށްދާނެ ކަމަށް މި ހަރަކާތް އިސްވެ ކުރިޔަށް ގެންދާ އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ޢީދުހަވީރު 1446 ގެ ހަރަކާތްތައް މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ޖުމުހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އިއްޔެ ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު، އަދި ޖުމްހޫރީ މައިދާނުގައި ފެށި މި ޚާއްސަ ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ. ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި، ހަމައެއާއެކު، އެމްއެންޑީއެފް މެރިންކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، އެ ކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
ހަމައެއާއެކު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ހުށަހަޅައިދިން ސައިލެންޓް ޑްރިލްގެ ހަރަކާތަކާއި، ސަޤާފީ ހަރަކާތްތަކާއި، އެމްއެންޑީއެފް މެޑިކަލް ކޯރގެ ފަރާތުން، ކުރިއަށްގެންދިޔަ ޞިއްޙީ އަވަސް ފަރުވާ ދިނުމުގެ ހަރަކާތްތަކާއި، އަދި ތުއްތުކުދީންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންދާނެ އެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި މި ބޭއްވި "ޢީދުހަވީރު 1446" ގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފް ސަރވިސް ކޯރ އިންނެވެ.