
--
ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަޤްސަދުގައި ސަރުކާރުގެ ގިނަ މުއައްސަސާ ތަކަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގެޅިގެން ބޭއްވި "ޢީދުހަވީރު 1446" ގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއަދު ހަވީރު، ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު، އަދި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ. ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކާއި، ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ހިމެނެއެވެ.
މީގެއިތުރުން އެ ސަރަހައްދުގައި، ހަމައެއާއެކު، އެމްއެންޑީއެފް މެރިންކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، އެ ކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
ހަމައެއާއެކު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ފަރާތުން ހުށަހަޅައިދިން ސައިލެންޓް ޑްރިލްގެ ހަރަކާތަކާއި، ސަޤާފީ ހަރަކާތްތަކާއި، އެމްއެންޑީއެފް މެޑިކަލް ކޯރގެ ފަރާތުން، ކުރިއަށްގެންދިޔަ ޞިއްޙީ އަވަސް ފަރުވާ ދިނުމުގެ ހަރަކާތްތަކާއި، އަދި ތުއްތުކުދީންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި މި ބޭއްވި "ޢީދުހަވީރު 1446" ގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ހަރަކާތްތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފް ސަރވިސް ކޯރ އިންނެވެ.
މި ޢީދު ހަވީރުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖޫމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުޙައްމަދު މުއިއްޒުގެ ޢާއިލާ ބައިވެރިވެ ވަޑައިގެންނެވި އެވެ.