
މިޔަންމާ ބިންހެލުމުގައި ތައިލެންޑަށްވެސް ބޮޑެތި ގެއްލުންތަކެއް: ދެގައުމުގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
# ބިންހެލުން--
މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އެގައުމުގައި އާއި ބިންހެލުމުގެ އަސަރު ކުރި ތައިލެންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ފުރަތަމަ ބިންހެލުން އައިސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:50 ހާއިރު މިޔަންމާގެ ސަގައިން ސިޓީގެ 16 ކިލޯމީޓަރު ހުޅަނގު އުތުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ. އެގޮތުން ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.7 މެގްނިޓިއުޑްގައި އެވެ. އަދި ދެވަނަ ލޮޅުން އައިސްފައިވަނީ އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގައި އެވެ.
މިޔަންމާގެ ވެރިކަން ކުރާ އަސްކަރިއްޔާއިން ވަނީ މި ބިންހެލުމާއި އެކު އެގައުމުގެ ހަ ސަރަހައްދަކާއި އެއް ސްޓޭޓެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި ދައުލަތުން ވަރަށް އަވަހަށް ހާލަތު އޮޅުން ފިލުވައި، އިންސާނީ އެހީ ފޯރުކޮށްދިނުމާއެކު ރެސްކިއު އޮޕަރޭޝަންތައް ހިންގާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ. މިޔަންމާގެ ނޭޕިޑޯގެ ބޮޑު ހޮސްޕިޓަލެއް "މާސް ކެޝުއަލިޓީ އޭރިއާ" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެ ފެސިލިޓީގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ. މި ބިންހެލުމުގައި މިޔަންމާއިން މަރުވި އަދި ޒަހަމްވި މީހުންގެ ސީދާ އަދަދެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު މިޔަންމާގެ ސަރަހައްދަކުން ތިން މީހަކު މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި ބިންހެލުމުގެ އަސަަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިޔަންމާގެ އިތުރުން އެގައުމާއި އެއްގަމުމަގުން ގުޅިފައި އޮންނަ ތައިލެންޑަށެވެ. އެގޮތުން ތައިލެންޑުގެ ބެންކޮކަށް މި ބިންހެލުމުގެ އަސަަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ ޓަވަރެއް ވެއްޓި ތިން މީހަކު މަރުވެފައިވާ ކަމަށް ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު ފުމްތަމް ވެޗަޔަޗައި ވަނީ މިހާރު ހާމަކުރައްވާފައި އެވެ. އަދި ބިމާއިހަމަވެފައިވާ އިމާރާތުގެ ކުނިތަކުގެ ދަށުގައި 81 މީހުން ތާށިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާނު ކުރައްވާފައެވެ. ވެރިރަށް ބެންކޮކް އަކީ ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެ ގައުމުގެ ވެރިރަށް ބެންކޮކްގެ ސިޓީ ހޯލުން ވަނީ މިހާރު އިއުލާނުކޮށްފަ އެވެ.