
--
ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާދީއްތަ ދުވަހުގެ މެންދުރު ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއު އެވެ. އެރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަސައްކަތް ސަން ވިލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11،954،501 ރުފިޔާއަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށާއި ސަބަބަކީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގަ މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އެކުންފުނީގެ ޚިދުމަތަށް ނެގުނު ފުރަތަމަ ރަށަކީ ތުލުސްދޫއަަށް ވުމުން ކަމަށެވެ.
އަދި ތުލުސްދޫގަ މިހާރުވެސް ހިނގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް ކަމަށާއި އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ތުލުސްދޫ ޕަވަރހައުސް އަލަށް ހިއްކާފައިވާ ސަރަޙައްދަށް ބަދަލުކުރަން ނިންމީ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން". ފަހުމީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ،މިއަދު ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
" އެއީ ތުލުސްދޫ އަޅުގަނޑަށް މިހާރުވެސް ފާހަގަކުރެވިފަ ވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގަ. އެހެންވީމަ މި އިންޖީނުގެއާ އެއްކޮށް، ﷲގެ ރަޙުމަތްފުޅާއެކު އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އަޅުގަނޑު މި އުއްމީދު ކުރަނީ. މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ޙާލަތެއްގަ. ހަމަ ވަރަށް ރަނގަޅު ޙާލަތެއްގަ ކަރަންޓު އޮތީ. އެހެން ނަމަވެސް މި ޢީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސާ، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ" މެމްބަރު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، އައު އިންޖީނު ގެއެއް އެޅޭނެ ދުވަހެއްގެ އިންތިޒާރުގައި އެރަށުގެ ރައްޔިތުން ތިބޭތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށާއި މިއަދު އެއްބަސްވުމުގައި ސޮއިކުރެވުމުން ދިޔުމުން އެ އިންތިޒާރަށް ނިމުމެއް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރުކުރަންޖެހޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެޔާއެއްކޮށް ތުލުސްދޫގައި އާ އިންޖީނުގެ އެޅިގެންދިޔުމާއި އެކު އެފަރާތްތަކަށްވެސް އެ ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ.
ގުޅުންހުރި

ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

24 އަހަރުން ދަށުގެ ޒުވާނުންނަށް އިންޖިނިއަރިންގެ ދާއިރާއިން ކިޔަވަން ސްޓެލްކޯއިން ސްކޮލަޝިޕްތަކެއް!

ސްޓެލްކޯއިން ރާއްޖެއަށް އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ތައާރަފްކޮށް އެންމެ ފަހުގެ ބެޓެރި ސްކޫޓަރު ރާއްޖެ ގެންނަނީ!
