
ބިދޭސީއެއްގެ އަތުން ފެނުނު 530،000ރ ހިފައިގެން އިމިގްރޭޝަންގެ އޮފީސަރު ވަނީ ޝަމްއާންގެ ގެއަށް: ފުލުހުން
# މުހައްމަދު ޝަމްއާން--
އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޑިޓެންޝަނުން ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ދިޔަ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށެވެ. އަދި، އޭގެ އެއް ދުވަސްފަހުން، ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
އަދި މި މައްސަލައާ ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލާ ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދާފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ ޝަމްއާން ދިރިއުޅުއްވާ ގެއިންވެސް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތައް، ހޯދާފައިވާ ކަމަށެވެ. ނަމަވެސް ޝަމްއާންގެ ގެއިން ފުލުހުން ހޯދި ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ.
މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް ރޭ ކުއްލި ގޮތަކަށް ޝަމްއާން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެމަގާމަށް ރައީސް މުއިއްޒު ވަނީ ކުރީގެ ސީޕީ ފަސީހު އައްޔަނުކުރައްވާފައި އެވެ.








