
ޤައުމީ ސަލާމަތާއި ބެހޭ އޮަޕަރޭޝަން އަދިވެސް ކުރިޔަށް: ފޮރިން މިނިސްޓްރީން ބުނަނީ ކަންބޮޑުވުމެއް ނެތް ކަމަށް!
# ފޮރިން މިނިސްޓްރީ--
ސަލާމަތީ ބާރުތަކުން ރޭ މާލޭގައި ފެށި ގައުމީ ސަލާމަތާއި ބެހޭ އޮޕަރޭޝަން އަދިވެސް ކުރިޔަށްދާއިރު މިވަގުތު ކަންބޮޑުވުމެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ސަލާމަތީ ބާރުތަކުން ކުއްލި އޮޕަރޭޝަނެއް ރޭ ފެށީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން ރޭ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ރޭ ވަނީ ހާމަކޮށްފައި އެވެ. އަދި އެމީހުންނާއި ގުޅޭ ބައެއް ތަންތަން ބަލާފާސްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓެލިޖެންސް ރިޕޯޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުކޮށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށާއި ރޭ ފެށި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މިވަގުތު ކަންބޮޑުވުމެއް ނެތް ކަމަށެވެ.
އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ޤައުމުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން އަރުވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ރާއްޖެއަކީ ރާއްޖޭގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި، އަމާން އަދި ސުލްހަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، ނުރައްކާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން މޮނިޓާކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.