
--
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް ކަރެކްޝަންސް އިން ކޮށްފައިވާ އިއުލާނުގައި ވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުތުތައްވެސް ހާމަކޮށްފައެވެ. އެގޮތުން ދިވެހި ރައްޔިތެއްކަމުގައިވުމާއި ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން، ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން ހިމެނެއެވެ.
އަދި ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުމާއި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގައި ހިމެނެއެވެ.
މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވެ ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ މީހުން ހޮވުމުގައި އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލަކާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ހިމެނެއެވެ.
އަދި ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީއަކާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީއެއްގެ އިތުރުން ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއަކާއި އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީއެއް އަދި ޕޮލިސް ރިޕޯޓްވެސް ހުށަހަަޅަން ޖެހެއެވެ.
ވަޒީފާއަށް އެދޭ ފޯމް ކަރެކްޝަންސްގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެއެވެ.
ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2025 މާރޗް 24ވާ ހޯމަ ދުވަހު 18:00ގެ ނިޔަލަށް [email protected]އަށް އީމެއިލް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(ރޭޑިއޯ ބިލްޑިންގ)ގެ ކައުންޓަރަށް ފޯމް ހުށަހެޅުމަށް ކަރެކްޝަނުން ކުރި އިއުލާނުގައިވެއެވެ.
ޕްރިޒަން އޮފިސަރ ޓްރޭނީގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ވާނެއެވެ.
ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު އެ ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
ގުޅުންހުރި

ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ހުސް ބިމުގައި ވަގުތީ ޖަލެއް އަޅަނީ

ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ
