
ކޮންމެ ރޯދަ މަހަކުވެސް ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސްނަގާނެ - ރައީސް
# ރައީސް މުއިއްޒު--
ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ އިޚްލާޞްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނޭކަމަށް ވިދާޅުވެފައެވެ.
އަހަރަކު އެއްފަހަރު ބައްދަލުވާ ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅައި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް އެމަނިކުފާނުގެ ޚިޠާބުގައި ހިތްވަރުދެއްވާފައިވެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރުއަޅުއްވައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ޙަޔާތެއް އުޅުމުގެ ޢަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންފައިވެއެވެ.
ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ހަނދުމަފުޅުކޮށް އަރުވަމުން އެމަނިކުފާނު ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެއިތުރުން، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން، މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާތް ﷲ ދިވެހީންނަށް ދެއްވާފައިވާ ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމާއި، ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ޙާލު، މުޅި އިސްލާމީ އުންމަތާއި، ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ޙާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން އެމަނިކުފާނުގެ ޚިޠާބުގައި އިރުޝާދުދެއްވާފައިވެއެވެ. އެގޮތުން، ފަލަޞްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫންވެސް މުސްލިމު މުޖްތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައިވަނީ، ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ޤައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވުމަށާއި، މި ލޮބުވެތި ވަޠަން އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށާއި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.
ގުޅުންހުރި

އިސްލާމީ ޤައުމުތަކުގެ ވެރީންނަށް ރަމަޟާން މަހުގެ ތަހުނިޔާ ރައީސް މުއިއްޒު އަރިސްކުރައްވައިފި

ކޮންމެ ރޯދަ މަހަކުވެސް ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސްނަގާނެ - ރައީސް

މޫސުން ގޯސްވުމާއިއެކު މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމުކޮށްދޭން ސަރުކާރުން މަސައްކަތް ފަށައިފި
