
ފޮޓޯ : މިހާރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަށް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.

ފްލެޓު ލިސްޓު އާންމުކޮށްފައިވަނީ ދާދި ދެންމެ އަކު ހައުސިންގ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.
އެގޮތުން މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ ކުރީ ސަރުކާރުން އިއުލާނުކުރި 4000 މީހުންގެ ނަންތަކެވެ. ނަމަވެސް ދިގު ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު މިއަދު އާންމުކުރި ލިސްޓުގައި ވަނީ އެ 4000 މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަނުވާ މީހުންގެ ނަންތަކުގައި "ޑީކިއު" ޖަހާފައި އެވެ.
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފްލެޓް ދިނުމުގައި އެންމެ އިސްކަން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްްޒުގެ ސިޔާސަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ރިޔާއަތްކޮށް ނޮވެމްބަރު 15، 2023 ގައި ގެޒެޓުކުރި ލިސްޓް ވެރިފައި ކުރަން ކަމަށެވެެ. އެގޮތުން ވެރިފިކޭޝަން މަރުހަލާ އަށް ފަހު ނަތީޖާއަށް ބަލާއިރު ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓު ލިބިފަ އިވަނީ 397 މީހުންނަށް ކަމަށްވުމުން ޖުމުލަ ލިސްޓުގައި ޝަރުތު ހަމަވަނީ 1،820 މީހުންގެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފޯމުތައް ވެރިފައިކުރުމުގައި ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމް ޗެކްކޮށްފައި ނުވާ ކަމަށާއި، ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމު ވެސް ޗެކްކޮށްފައި ނުވާކަން ހާމަކުރައްވައި މިނިސްޓަރު ވިދާޅުވީ އެހެންކަމުން ލިސްޓުގައި ހިމަނާފައިވާ މީހުން ފިޔަވައި އިތުރު ބައެއްގެ ފޯމު ބަލާފައި ނުވާކަމަށާއި، ޝަރުތު ހަމަނުވާ ފަރާތްތަކާއި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ދަށުން ޕޮއިންޓު ލިބުނު މީހުން، ފްލެޓު ނުލިބޭ މީހުންގެ ގޮތުގައި ކަނޑައަލާފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު އާންމުކުރާ ލިސްޓާއި މެދު ޝަކުވާ ހުށަހަޅަން އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައި އެވެ.
ގުޅުންހުރި

ހިޔާވެހި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ފްލެޓު ލިސްޓު އާންމުކޮށްފި
