
--
ބޭންކް އޮފް މޯލްޑިވްސްއިން ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި އެ ސިޓީގައި ދެމުންދާ އޭޓީއެމްގެ ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމާއި ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ބީއެމްއެލް އިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގެ ދެ ތަނެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތްދެމުންނެވެ.
ބީއެމްއެލުން ބުނީ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށާއި ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.
އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކް ކަމަށާއި އެބޭންކަކީ ރައްޔިތުންގެ ކުރިއެރުމުގެ ބައިވެރިއެއް ކަމަށެވެ.
"އަޅުގަނޑުމެން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ޚިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން."
ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމް އިތުރުކުރުމާއެކު، ބީއެމްއެލްއިން އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި މާފުށީގައި ޚިދުމަތްދޭ ޔޫއެސް ޑޮލަރު އޭޓީއެމްގެ ވިއުގަ މިވަނީ އިތުރަށް ފުޅާކޮށްފައެވެ.
ކުޅުދުއްފުށި ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 158 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ބީއެމްއެލް މާސްޓަރކާޑުން ވިޔަފާރިކޮށްގެން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ޓީމްތަކާއެކު ދަނޑަށް އެރުމުގެ ފުރުސަތު!

ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް މިހާރު ފިޠުރު ޒަކާތް ދައްކާލެވޭނެ!

ބީއެމްއެލްގެ "ރަން ފުރުސަތު " ޕްރޮމޯޝަނާއި ވީބީ, ލޮޓަސް އަދި ފަހި ޕްލާޒާއިން ގުޅިއްޖެ
