.webp&w=3840&q=75)
އޮޕަރޭޝަން ކުރަނގި 13 ރިސޯޓަކަށް!
# އޮޕަރޭޝަން ކުރަނގި# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ# މޯލްޑިވްސް އިމިގްރޭޝަން--
އޮޕަރޭޝަން ކުރަނގީގެ ޚާއްސަ މަސައްކަތްތަކެއް މިއަދުން ފެށިގެން ކުރިޔަށް އޮތް ދެ ދުވަހު ބައެއް ރިސޯޓުތަކުގައި ކުރިޔަށްދާނެކަމަށް ދާހިލީ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހިނގާ ފެބްރުއަރީ 13 ، 14 ، 15 ގައި، 13 ރިސޯޓެއްގައި އޮޕަރޭޝަން ކުރަނގީ ގެ ހަރަކާތް ކުރިއަށް ދާނެ ކަމަށާއި މި ޙަރަކާތުގައި އެވުޒާރާ އާއި ރިސޯޓްތަކުން ޖުމްލަ 56 މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގައުމާ މުހާތަބުކުރެއްވިއިރު މި އޮޕަރޭޝަންގެ ތެރެއިން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނުކަން އިއުލާންކުރެއްވިއެވެ. އަދި އެފަހުން މިދިޔަ 2 މަސްތެރޭ އިތުރު 15،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ.
މުޅި އޮޕަރޭޝަންގައި ޖެނުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
ގުޅުންހުރި

ހީނާމާގެ ޕާކިންގ ސަރަޙައްދުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ދެސަރަހައްދަކުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އަތުލައިގެންފި

ދުވާފަރުގައި އިމިގްރޭޝަންގެ ބޮޑު ރެއިޑެއް: ގަވާއިދާ ހިލާފަށް އުޅުނު 51 ބިދޭސީއަކު ހައްޔަރަށް!
