
ހޫތީންގެ އިންޒާރެއްވެސް ޓްރަމްޕަށް: ހޫތީންގެ ލީޑަރު ޓްރަމްޕު ސިފަކުރެއްވީ "މޮޔަ"އެއްގެ ގޮތުގައި!
# ހޫތީންޣައްޒާގެ ބިން އަތުލައިގަނެ ޣައްޒާގެ ރައްޔިތުން އެހެން ތަނެއްގައި ވަޒަންވެރިކުރާނެ ކަމަށް ބުނެ އެމެރިކާގެ ވެރިކަމާއި ދާދި ފަހުން ހަވާލުވި ޑޮނަލްޑު ޓްރަމްޕު ދެއްކެވި ވާހަކަތަކަށް ޔަމަނުގެ ހޫތީންވެސް ރައްދުދީފި އެވެ.

ހޫތީންނަކީ އިޒްރޭލުން ޣައްޒާގައި ހިންގި އުދުވާނާއި ދެކޮޅަށް އެންމެ ފާޅުގައި ދެކޮޅުހަދައި އިޒްރޭލަށް އެންމެ ވަރުގަދަ ހަމަލާތަކެއް ފާއިތުވި ދެއަހަރުގެ ތެރޭގައި ދިން ޖަމާއަތެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ހޫތީންގެ ލީޑަރު އަބްދުލް މަލިކް އަލް ހޫތީ, ޓަރަމްޕު ސިފަކުރެއްވީ " ފޫލް" ނުވަތަ މޮޔައެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާ ތަގުރީގުގައި ފަލަސްޠީނުގެ ރައްޔިތުން ފާއިތުވި 15 މަސްދުވަހު ތަހައްމަލު ކުރި ވޭނާއި ޤުރުބާނީއަށްފަހު، އެބައިމީހުންގެ އަމިއްލަ ވަޒަން އެމެރިކާއަށް ވިއްކާލާނެކަމަށް ޤަބޫލުކުރަނީތޯ ސުވާލު އުފައްދާފައި އެވެ. އަދި "ޣައްޒާގެ ބިން އެމެރިކާއަށް ވިއްކާލާނީ ކާކުތޯ؟" އޭނާ ސުވާލު ކުރެއްވިއެވެ.
ހޫތީންގެ ލީޑަރު ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ އާއި ދެވަނަ މަރުހަލާއަށް އިހުތިރާމް ނުކޮށްފިނަމަ އިޒްރޭލާއި އެމެރިކާ އަށް ވޭން ދިނުމަށް ހޫތީން ތައްޔާރަށް ތިބި ކަމަށް ބުނެ އިންޒާރު ދެއްވާފަ އެވެ.
ނަސްލީ ގޮތުން ފަލަސްތީނު މީހުން ނައްތާލުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނާއި ފަލަސްތީނު މީހުން ސައުދީ އަރަބިއްޔާއަށް ބަދަލުކުރުމަށް ނަތަންޔާހޫ ހުށަހެޅުއްވި ހުށަހެޅުންތަކަށް އިޝާރާތް ކުރައްވައި އަލް ހޫތީ ވަނީ އެ ސަރަހައްދުގައި "ހަލާކުކުރުވަނިވި އެމެރިކާ-ޒަޔަނިސްޓް ރޭވުމެއް" ހިނގަމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ.
ދާފި ފަހުން ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ މިހާރު އޭނާ އެންމެ ދެކެން ބޭނުން ވަނީ ޣައްޒާއާ އަވަށްޓެރި ގައުމުތައް ކަމަށްވާ މިސްރާއި އުރުދުން އިން ޣައްޒާގެ ރައްޔިތުން އެ ގައުމުތަކަށް ގެންދާ ތަން ކަމަށެވެ. ޓްރަމްޕު ބުނީ ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބަން އެ ރައްޔިތުންވެސް ބޭނުންވެފައި ތިބި ކަމަށާއި އެމީހުން ވެސް އެކަމާ އުފާކުރާނެ ކަމަށެވެ. އޭނާ ބުނީ ނިރުބަވެރި އިސްރާއީލުގެ ވައިގެ ހަމަލާތައް "މާދަމާ ވެސް ފެށިދާނެ" ކަމަށާއި ޣައްޒާއަކީ "ތަޅާލަން ޖެހިފައިވާ ސައިޓެއް" ކަމަށެވެ.
މިވާހަކަތަކަށް ޓްރަމްޕާއި އެންމެ ގާތް ގުޅުމެއް އޮންނަ ޔަހޫދީ ބޮޑުވަޒީރު ޖައްބާރު ނަތަންޔާހޫވެސް ތާއީދުކޮށް ވާހަކަދައްކާފައިވާއިރު ނަތަންޔާހޫ ވަނީ ޣައްޒާ ރައްޔިތުން ޣައްޒާގެ ބިމުން ހުސްކޮށްލައި ސައުދީ އަރަބިއްޔާގައި ވަޒަންވެރިކުރަން ގޮވާލާފައި އެވެ.