
--
ދިވެހިރާއްޖެ-ޖަޕާން ޕޮލިސީ ޑައިލޮގްގެ ފަސް ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަޕާނުގެ ފޮރިން މިނިސްޓްރީ ގުޅިގެން މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އަދި ޖަޕާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ސައުތު އީސްޓް އެންޑް ސައުތުވެސްޓް އޭޝިއަން ޑިޕާޓްމަންޓްގެ އެސިސްޓެންޓް މިނިސްޓަރު އަދި ޑިރެކްޓާ ޖެނެރަލް މިސްޓަރ މިއާމޯޓޯ ޝިންގޯ އެވެ.
މީގެ ކުރިން ބޭއްވި ހަތަރު ޑައިލޮގްގެ މޮމެންޓަމްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ޑައިލޮގްގައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ހަރުދަނާ ނަތީޖާތަކެއް ނެރުމަށް ދެޤައުމުގެ މެދުގައި އޮތް އަހައްމިއްޔަތުކަން ދައްކުވައިދޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން މި ޑައިލޮގްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގާތް ގުޅުމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމާއި، ޚާއްޞަކޮށް އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، ސަގާފީ މުޢާމަލާތްތަކާއި، ސަރަޙައްދީ އަދި މެރިޓައިމް ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.
އަދި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެޤައުމުންވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޖަޕާނަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، ރާއްޖޭގެ ތަރައްގީގެ ދަތުރުގެ ފުރަތަމަ ބިންގަލަށް، ހާއްސަކޮށް ތައުލީމާއި މަސްވެރިކަމުގެ ދާއިރާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެކެވެ.
މި ޑައިލޮގްގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ހަމަޖެހުން ޤާއިމުކުރެއްވުމަށް ޓަކައި، މެރިޓައިމް ސެކިއުރިޓީއާއި، ކްލައިމެޓް ރެޒިލިއަންސް އަދި މަލްޓިލޭޓަރަލް ޑިޕްލޮމަސީގެ މައްޗަށް އަލިއަޅުއްވާލާފައިވެއެވެ.
ބައިނަލްއަޤްވާމީ ނުރައްކާތަކުން އަރައިގަނެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި އޯޕަން އިންޑޯ-ޕެސިފިކް ޤައުމަކަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން ސަގާފީ ގުޅުން ބަދަހިކުރުމަށާއި އދ.ގެ ސަލާމަތީ މަޖިލީހުގެ އިސްލާހުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަލަސްތީނުގެ ހާލަތާ ގުޅޭ ގިނަ ކަންކަމުގައި ބައިނަލްއަގްވާމީ މައިދާނުގައި ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެ ގައުމުން ވެސް ވަނީ ދީފަ އެވެ.
ރާއްޖެ-ޖަޕާން ޕޮލިސީ ޑައިލޮގަކީ، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމާއި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އިތުރު ފުރުޞަތުތަކެއް ހޯދުމުގެ މުހިންމު ޕްލެޓްފޯމެކެވެ. އެންމެ ފަހުން ޕޮލިސީ ޑައިލޮގް ބާއްވާފައިވަނީ 04 އޭޕްރީލް 2023 ގައި ޖަޕާނުގެ ޓޯކިޔޯގައެވެ.
ގުޅުންހުރި

ރާއްޖޭގެ ފަރާތުން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބަކަށް މޮންދު!

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފި

ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
-1744078538920.webp&w=3840&q=75)