.jpg&w=3840&q=75)
--
ސީޕީއޭ އޭޝިއާއާއި ސައުތު-އީސްޓް އޭޝިއާގެ ފުރަތަމަ ރީޖަނަލް ކޮންފަރެންސްގައި ލާހޯރު ޗާޓަރު ފާސްކޮށްފިއެވެ.

މި ކޮންފަރެންސްގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމްއެވެ.
ލާހޯރު ޗާޓަރުގައި މެންބަރު ޤައުމުތަކުން އެއްބަސްވެފައިވަނީ ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމަށާއި، ތަފާތުކުރުމެއް ނެތި ޖަމާޢަތުގެ ހުރިހާ ފަރާތްތައް ޝާމިލުވާ، ވަށައިޖެހޭ ތަރައްޤީއަށް މަސައްކަތް ކުރުމަށެވެ. އަދި ޤާނޫނު ހަދާ މަޖިލިސްތަކުން އެއްބާރުލުން ދީގެން ސަރަޙައްދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޕާލަމެންޓްތަކުގެ ލީޑަރުން ވަޢުދުވެ ވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ޑިމޮކްރެޓިކް އުސޫލުތަކާއި ދުސްތޫރީ އުސޫލުތަކާއި ޤާނޫނު ހަދާ މަޖިލީހުގެ ސިޔާދަތު ދަމަހައްޓައި، މުއައްސަސާތަކަށް އާންމުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމަށްވެސް ޤާނޫނު ހަދާ މަޖިލިސްތަކުގެ ލީޑަރުން އެއްބަސްވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، އިޖްތިމާއީ އިޤްތިޞާދީ ތަފާތުތަކާއި، ޓެކްނޮލޮޖީގެ ބަދަލުތައް ފަދަ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ ކުރިމަތިލުމަށް، ތަޝްރީޢީ ޙައްލުތައް ހޯދުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން މަސައްކަތް ކުރުމަށްވެސް ލާހޯރު ޗާޓަރުގައި އެއްބަސްވެފައިވެއެވެ.
އަދި، ޢިލްމާއި ތަޖުރިބާ ޙިއްސާކުރުމާއެކު އެންމެ ރަނގަޅު ހަމަތަކަށް ވަކާލާތުކުރުން މަތީގައި ދެމިތިބުމަށްވެސް ސީޕީއޭގެ މެމްބަރު ޤައުމުތަކުން އެއްބަސްވެފައިވެއެވެ.
ލާހޯރުގައި ކުރިއަށް ދިޔަ، ސީޕީއޭ އޭޝިއާއާއި ސައުތު-އީސްޓް އޭޝިއާގެ ފުރަތަމަ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވި ޤާނޫނު ހަދާ މަޖިލިސްތަކުގެ ލީޑަރުން ވަނީ ސަރަހައްދީ އެއްބާރުލުމާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އަޚުލާގީ ގޮތަށް ތަރައްޤީކޮށް ކުރިއެރުވުމަށްވެސް އެއްބަސްވެވަޑައިގެންފައެވެ. އަދި ސިއްހީ ފަރުވާއާއި ތަޢުލީމާއި މޫސުމާ ބެހޭ ފިޔަވަޅުތަކަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ކުރިއެރުވުމަށްވެސް މަންދޫބުން އެއްބަސްވެފައިވެއެވެ.
ލާހޯރު ޗާޓަރުގައި ވަކިން ޚާއްސަކޮށް އަލިއަޅުވާލާފައިވާ ކަންތައްތަކުގެ ތެރޭގައި، ޤައުމު ބިނާކުރުމާއި ތަރައްޤީގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށާއި، މިގޮތުން ޤާނޫނު އެކުލަވާލައި ފާސްކުރާ މަރުހަލާތަކުގައި އަންހެނުންނާއި، ޒުވާނުންނާއި، ޚާއްސަގޮތަށް ކުޅެދިފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހަމަހަމަ ގޮތެއްގައި ތަމްސީލުކުރުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ.
ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބު، އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް، އަޙުމަދު ނާޘިމް ވިދާޅުވީ، މި ޗާޓަރަކީ، ޤައުމުތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޗާޓަރުގެ ސަބަބުން ސީޕީއޭގެ ސަރަހައްދީ މެމްބަރުންގެ މެދުގައި އެއްބާރުލުން އިތުރުވެ، ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް އަޙުމަދު ނާޘިމް ވިދާޅުވިއެވެ.
ގުޅުންހުރި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސްގައި މެމްބަރު ގައުމުތަކަށް ނާޒީމްގެ އިލްތިމާސްކުރެއްވީ މީޑިއާގެ މިނިވަންކަން ކަށަވަރުކުުރުމަށް!
.jpg&w=3840&q=75)