ކެފޭތަކުގައި ސައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފި
އަހުމަދު ޝުރާއު
2/4/2025, 6:27:43 AM
--
4 ކެފޭއެއް ބަލައިފާސްކޮށް، ސައްޙަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް ޓާސްކް ފޯސްއިން ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، އިއްޔެގެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުންދާ 4 ކެފޭއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ސައްޙަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5000އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށްވެސް 1000އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.