ހދ ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި
އަހުމަދު ޝުރާއު
2/1/2025, 7:41:42 AM
--
ހދ ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މީގެ އިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި އެވެ.
އެގޮތުން ހީނާ ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ހދ.ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ސަރުކާރުގައި ރަސްމީކޮށް އެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އެގޮތުން ހިރިމަރަދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުމަށްފަހު ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫން އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން އެދިފައިވާ ކަމަށް ކައުންސިލަރުން ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކ.ތުލުސްދޫއަށާއި ހދ ހަނިމާދޫއަށް ކަން ކައުންސިލުން ފާހަގަކުރެއްވި ކަމަށް ވަޒީރު އޭރު ވިދާޅުވިއެވެ.
ކައުންސިލުން ބުނާ ގޮތުގައި އެހެން ރަށަކަށް ރައްޔިތުން ބަދަލުވާން ބޭނުންވާ ސަބަބަކީ ރަށުގެ ސިއްހީ ނިޒާމާއި، ތައުލީމު ކުރިއަރާފައި ނުވާތީ އެވެ. އަދި ރަނގަޅު ކުރިއެރުމަކާއި ޒުވާނުންގެ ކުރިމަގު ވެސް ރަނގަޅުވެގެން ދާނީ މިކަމުގެ ސަބަބުން ކަމަށްވާތީ އެވެ.