ރޯދައަށް ބޭރުގެ ޙާފިޛުންނާއި ޤާރީން ގެނައުމަށް ވިސާ ދޫކުރުމުގެ އުޞޫލުތައް އާންމުކޮށްފި
އަހުމަދު ޝުރާއު
1/28/2025, 10:29:58 AM
--
1446ވަނަ އަހަރުގެ ރަމަޟާންމަހު، ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް ރާއްޖެއިން ބޭރުގެ ޙާފިޛުންނާއި ޤާރީން ގެނައުމަށް ވިސާ ދޫކުރުމުގެ އުޞޫލުތައް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ރާއްޖެއިން ބޭރުގެ ހާފިޒުން އަދި ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުއްދަ ދެއްވާފައިވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ހާފިޒުން އަދި ޤާރީންގެ ވީޒާއަށް އެދި ހުށަހެޅުމުން ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވެ، އެޕްރޫވަލް ލިބިވަޑައިގަންނަވާ ފަރާތްތަކަށް، ރާއްޖެ އަންނަ ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ 'ސްޕެޝަލް ވިސާ' ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، 1446 ވަނަ އަހަރުގެ ރަމަޟާން މަހު، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ޙިފްޛުކޮށް ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ރާއްޖެއިން ބޭރުގެ ޙާފިޡުންނާއި ޤާރީން ގެނައުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕެޝަލް ވީޒާއަށް އެދި “IM22”ފޯމް ހުށަހެޅުއްވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އަދި ހުށަހަޅާ އެޕްލިކޭޝަންތަކަށް ވީޒާ ދޫކުރުމާއިމެދު ނިންމާގޮތުގެ މައުލޫމާތު އެޕްލިކޭޝަން ހުށަހަޅުއްވާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދުދުވަސްތައް ނުހިމެނޭގޮތަށް) 'އިމުގާ' ޕޯޓަލްއިން އަދާހަމަކުރެވޭނެއެވެ.
ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް:
1. 1446ވަނަ އަހަރުގެ ރަމަޟާން މަހު، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ޙިފްޛުކޮށް ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ރާއްޖެއިން ބޭރުގެ ޙާފިޛުންނާއި ޤާރީން ގެނައުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދޫކުރައްވާފައިވާ ރަސްމީ ހުއްދަ.
2."ސްޕެޝަލް ވިސާއަށް އެދޭ ފޯމު" ( IM22 )
3."ވިސާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު" ( IM30 )
4.ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް"ގެ ސާފު ކުލަ ކޮޕީ
ހުށަހަޅާ ޕާސްޕޯޓަކީ މެޝިން ރީޑަބަލް ބާވަތުގެ ޕާސްޕޯޓަކަށް ވާންވާނެއެވެ. އަދި އެ ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށްޓަކައި ގަލަމުން އެއްވެސް އެއްޗެއް ލިޔެފައިވާ ޕާސްޕޯޓަކަށް ވެގެން ނުވާނެއެވެ. ހުށަހަޅާ ޕާސްޕޯޓުގެ މުއްދަތު ހަމަވުމަށް، މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު ބާކީ އޮންނަންވާނެއެވެ.
ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ ނަގާފައި ހުންނަންވާނީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯއާބެހޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. JPG 200dpi / 35mm x 45mm, width x height)
ސްޕެޝަލް ވިސާ އެޕްރޫވްވާ ފަރާތްތަކުން ރާއްޖެއެތެރެވުމަށް އަންނައިރު މޯލްޑިވްސް އިމިގްރޭޝަންގެ އެރައިވަލް ކައުންޓަރަށް ހުށަހަޅަންޖެހޭ ތަކެތި:
1."ސްޕެޝަލް ވިސާ އެޕްރޫވަލް" (ހުއްދަ).
2.މިފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން، މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ޓްރެވަލަރ ޑިކްލަރޭޝަން ފޯމު' ފުރިހަމަކުރެއްވުން ލާޒިމެވެ. މި ފޯމު ފުރިހަމަކުރެއްވުމަށްފަހު ލިބިވަޑައިގަންނަވާ 'ކިއު.އާރު ކޯޑު' މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ ހިނދެއްގައި، އެރައިވަލް ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
ޙާފިޒުންނާއި ޤާރީންނާ އެކު އަންނަ ޢާއިލާގެ މެންބަރުން އަމަލުކުރައްވަންޖެހޭގޮތް:
1. މިފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ކުރިން މިމުއައްސަސާގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް ' ސްޕޮންސަރޝިޕް ޑެކްލަރޭޝަން' ފޯމް ހުށަހަޅާ ދަތުރުކުރުމުގެ ހުއްދަ ހޯދުން.
2. މި ފަރާތްތަކަށް ދޫކުރެވޭނީ 30 (ތިރީސް) ދުވަހުގެ އޮން-އެރައިވަލް ޓޫރިސްޓު ވިސާއެކެވެ. އެހެންނަމަވެސް، އޮން-އެރައިވަލްގައި ދޫކުރެވޭ 30 ދުވަހަށްވުރެ އިތުރަށް ދިވެހިރާއްޖޭގައި މަޑުކުރަން ބޭނުންވާ ފަރާތްތަކުން، ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުގެ ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދުދުވަސްތައް ނުހިމެނޭގޮތަށް) ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް (IM23) ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.
3. މިފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން، މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ޓްރެވަލަރ ޑިކްލަރޭޝަން ފޯމު' ފުރިހަމަކުރެއްވުން ލާޒިމެވެ. މި ފޯމު ފުރިހަމަކުރެއްވުމަށްފަހު ލިބިވަޑައިގަންނަވާ 'ކިއު.އާރު ކޯޑު' މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ ހިނދެއްގައި، އެރައިވަލް ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
އިސްވެ ބަޔާންކުރެވުނު ފަރާތްތަކުން ދިވެހިރާއްޖޭގައި މަޑުކުރާ މުއްދަތުގައި، އެ ފަރާތްތަކުގެ ވިސާއާ ގުޅޭ އެންމެހައި ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަކުރުމަކީ، އެ ފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ފަރާތްތައް ދިވެހިރާއްޖެއިން ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަކީވެސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ ޤައުމުތަކުން އަންނަ ފަރާތްތަކަށް ދޫކުރެވޭ 'ސްޕެޝަލް ވިސާ' އަދި 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން' މި މުއައްސަސާއިން އެޕްރޫވްކުރުމުގެކުރިން، އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އައުމަށް ދަތުރު ނުފެއްޓެވުމަށާއި މިކަމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް މިއިދާރާގެ ނަންބަރު 7940452، 9199157 އަދި 1434އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.