logoEN
Sto top
ފަސޭހަކަމާއެކު އިޕްސްވިޗް ބަލިކޮށް ލިވަޕޫލުން ލީޑު ފުޅާކޮށްފި

ފަސޭހަކަމާއެކު އިޕްސްވިޗް ބަލިކޮށް ލިވަޕޫލުން ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

1/26/2025, 12:00:14 AM

# ލިވަޕޫލް# އިނގިރޭސި ޕްރެމިއާ ލީގު# އިޕްސްވިޗް# ބޭރު ދުނިޔޭގެ ކުޅިވަރު

ލިވަޕޫލާއި އިޕްސްވިޗް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ ކުރީގައި އެޓީމުގެ ލީޑު ފުޅާކޮށްފިއެވެ.

Wamco

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އިޕްސްވިޗް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އިޕްސްވިޗުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ލިވަޕޫލްގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ ދެލަނޑު ކާމިޔާބުކުރިއިރު، ފޯވާޑް މުހައްމަދު ސަލާހު އަދި މިޑްފީލްޑަރު ޑޮމެނިކް ސޮބްސްލާއި މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި އިޕްސްވިޗްގެ ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު ޖަކޯބް ގްރީވްސް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިވަޕޫލުގެ މުހައްމަދު ސަލާހް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން ލިވަޕޫލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ހަ ޕޮއިންޓްގެ ލީޑަކާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އިޕްސްވިޗުން ލީގުގައި ކުޅުނު 23 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside