--
ރ ވާދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށްޓަކައި ބީއެމްއެލްއާއި އެކު ސޮއިކޮށްފި އެވެ.
މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން އެޖަލްސާގައި ބީއެމްއެލްއާއި އެރަށު ކައުންސިލާއި ދެމެދު ސޮއިކޮށްފައިވަނީ ކައުންސިލް މެދުވެރިކޮަށް އެރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި އެވެ.
މިކަމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ހުސައިން އަލީއެވެ. އަދި ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރ ފޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަނެވެ.
ވާދޫއަކީ މިފަހަކަށް އައިސް އިގްތިސޯދީ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާ ރަށެކެވެ. އެރަށުގައި މިހާރު އޭޓީއެމްގެ ހިދުމަތް ދެމުން ނުދާއިރު ފައިސާ ނެގުމަށް ގިނަ ބަޔަކު ކަނޑުހުރަސްކޮށް ދާންޖެހެނީ އޭޓީއެމް ހުންނަ ކައިރި އެހެން ރަށްތަކަށެވެ.