
އަދީބުއާއި އޭނާގެ ބައިވެރިންނާއި އެކު ދައުލަތުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް!
# އަދީބް# ޕީޖީ އޮފީސް--
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އޭނާގެ ބައިވެރިންނާއި އެކު އެކުލަވާލާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެންނަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ރޭ ބުނީ އަދީބު ހިމެނޭހެން 5 މީހަކާއި އެއޮފީހުން އެކަލަވާލި އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 4 މީހަކާއި އެކު އެކުލަވާލި އެއްބަސްވުން ނިމުމަކަށް ގެނައީ އިއްޔެ ކަމަށެވެ.
އިއްޔެ އެއްބަސްވުންތައް ނިމުމަކަށް ގެނައި ފަރާތްތއް
1. ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
2. މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީ
3. މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް
4. ގ. އޮއިވާލި، މުޙައްމަދު ޙުސައިން
މީގެ އިތުރުން، ހ. އާހަމަ، ޢަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި އެ އޮފީހުން ވާނީ ނިމުމަކަށް ގެނެސްފައި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، އެ ފަރާތްތަކުގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް އެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދަންނަވާފައިވާނެ ކަންވެސް ޕީޖީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ގުޅުންހުރި

އިންޒާރު ދިންކަމަށް މާނަކުރެވޭފަދަ އިބާރާތެއް ރައީސް ބޭނުމެއް ނުކުރައްވާ, ދައުވާ ނުކުރަން - ޕީޖީ އޮފީސް

ބަންދު ފޯރަމް މިފަހަރު ޖުޑީޝަރީއަށް!

އަދީބުއާއި އޭނާގެ ބައިވެރިންނާއި އެކު ދައުލަތުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް!
