މުޅި ލިސްޓު ރިވިއުނުކޮށް 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު ވެރިފައިކުރަނީ
އަހުމަދު ޝުރާއު
1/14/2025, 12:21:52 PM
--
ނިމިދިޔަ ސަރުކާރުން ކުރިއަސް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފަރާތްތަކެއް ރިވިއު ކުރުމުގެ ބަދަލުގައި 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ވެރިފައި ކުރުމަށް ހައުސިންގ މިނިސްޓްރީއިން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން ފްލެޓުތައް ހަވާޅުކުރުމުގެ މަސައްކަތަކަށް އެ ހުށަހެޅުންތައް ރީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމާއި ފައިނަލް ލިސްޓު ނެރުމުގެ މަސައްކަތް މިދިޔަ 14 މަސް ތެރޭގައި ކުރުމަށް މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް އެކަން ލަސްވެގެން ދިޔައީ އެކަމުގައި ބޮޑެތި މައްސަލަތަކެއް ދިމާވުމާއި އެކުގައި ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
ނަމަވެސް ދާދި ފަހުން މިނިސްޓްރީތަކުގެ މެންޑޭޓުތަކަށް ގެނައި ބަދަލުތަކާއި އެކު ހައުސިންގ އާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އެއްކޮށްލައި މި މަސައްކަތް މިނިސްޓަރު މުއްތަލިބުގެ ބެއްލެވުމުގެ ދަށުން ވަނީ ފަށާފައި އެވެ. މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއާއި ހަވާލުވުމަށްފަހު ކަންކަން ހިނގާފައިވާ ގޮތް ބަލައި އޮޅުން ފިލުވައި އިއުލާނުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން ރައީސް ހާމަކުރައްވާފައިވާ ސިޔާސަތާއި އެއްގޮތަށް ދިއުމަށްޓަކައި އަދި އޭސީސީއާއި އެހެން އިދާރާތަކުން ހާމަކޮށްފައިވާ ކަންބޮޑުވުމަށް ބަލައި މިހާރު ނިންމާފައިވަނީ ފްލެޓަށް އެދިފައިވާ ފޯމުލާފައިވާ ހުރިހާ ފަރާތްތަށް އިވެލިއުއޭޓްކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކޮށްފައި ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެ ޕްރޮސެސް ކުރިއަށްގެންދާ އިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދޫކުރާ އުސޫލަށް ބަލާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ލިޔުންތައް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލިސްޓު ގެޒެޓް ކުރެވޭއިރު، ފޯމް ވެރިފައި ކުރުމުގައި މައްސަލައެއްވާނަމަ، އެކަން އެނގޭނެ ގޮތަށް ލިސްޓުގައި ބަޔާން ކުރެވި އިއުލާނުކުރެވިގެންދާނެ ކަމަށާއި ފްލެޓް ލިސްޓުގައި ހިމެނިފައިވާ ފަރާތެއް ލިސްޓުން އުނިވާނަމަ އެއީ ކީއްވެކަންވެސް އާންމުނަށް އެނގޭނެ ކަމަށެވެ. އަދި ލިސްޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިމަަސައްކަތްތައް ފުރިހަމަކުރުމަށްފަހު އަންނަ ރޯދައިގެ ކުރިން ލިސްޓު އާންމުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.