
--
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީ ދެކެނީ ދަރިއެއް ފަދައިން ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނާއި އެމްޑީޕީއާއި ދޭތެރޭގައި ބޮޑެތި ދެބަސްވުންތަކެއް ހިނގައި އެޕާޓީ ދޫކުރައްވައި އުފެއްދެވި ޑިމޮކްރެޓްސް ގައި ތިއްބެވި އެމަނިކުފާނާއި އެންމެ އަރިސް ބައެއް ފަރާތްތައް އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގައި ބޮޑު ބައެއް ހޭދަކުރީ ދިވެހި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީއަށާއި ރައްޔިތުންގެ ތަނަވަސްކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްކަމުން 2008 ވަނަ ރިޔާސީ އިންތިހާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ ދިޔަ މިންވަރުން އަދި އެ އާމްދަނީއިން ކުރެވުނު އުމްރާނީ މަސައްކަތްތަކާއި ރައްޔިތުންނަށް ހޯދާ ދެވުނު އިޖުތިމާއި ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
" އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާއި އިދިކޮޅު ވާނެ މީހެއް ނޫން. އެމްޑީޕީޢަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީ އެއް. އެޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އަޅުގަނޑު އެދޭނެ ކަމަެއް. " ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ފަހުން ގުޅިވަޑައިގެންނެވި ޑޮމޮކްރެޓްސްއަކީ ޚާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެެއް ކަމަށެވެ. ނަމަވެސް މީގެން އެއްވެސް ޕާޓީއެއްގައި އަމަލީ ގޮތުން މަސައްކަތް މިވަގުތު މަސައްކަތްކުރައްވާނެ ނެތްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެހެން ނަމަވެސް ރާއްޖޭގެ "ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށްވެސް ނެތީން" ކަމަށެވެ.