މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވުމާއި އެކު މާލޭގެ ބައެއް ސަރަހައްދުތަކުގެ ވެލިބަސްތާ ޖަހަނީ
އަހުމަދު ޝުރާއު
1/12/2025, 6:25:17 PM
--
ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރުމާއި އެކު މާލޭގެ ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަވެދާނެ ކަމަށް މޫސުމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ، މާލޭގައި އެންމެ ބޮޑަށް ފެން ވަންނަކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގައި ވެލިބަސްތާޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށާފައިމިވަނި ފާއިތުވި ދެ ހަފްތާގެ ތެރޭގައި މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށާއި ފިހާރާއާއި ވިޔަފާރި އޮފީސްތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން މިމަހުގެ 3 ވަނަ ދުވަހު މާލެއަށް ރެކޯޑު އަދަދަކަށް ވާރޭވެހުމާއި އެކު ބޮޑުވި ފެންގަނޑުގައި އެތައް މިލިއަން ރުފިޔާއެއް ގެއްލުން ލިބުނު އިރު ގިނަ ބަޔަކު ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކުރި އިރު ވެސް ކަމާބެހޭ ފަރާތްތަކުން އެކަމަށް ތައްޔާރު ނުވާ ކަމަށް ބުނެ ފާޑުކިޔާފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު މޫސުމީ ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއާއިއެކު މާދަމާ އިން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އޭގެ އިތުރުން އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.