ރައީސް ކޫއްޑޫގައި މަސްކިރަން ތިބި މަސްދޯނިތަކަށް!
އަހުމަދު ޝުރާއު
1/9/2025, 12:06:28 PM
--
ރައީސް ޑރ މުހައްމަދު މުއިއްޒު ގއ ކޫއްޑޫގައި މަސްކިރަން ތިބި ބައެއް މަސްދޯނިތަކަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް ހުވަދު އަތޮޅުގެ ބައެއް މަސްވެރިންނާއި ބައްދަލުކުރެއްވީ ހުވަދު އަތޮޅަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ފުރާވަޑައިގަތުމަށް ކޫއްޑޫއަށް ވަޑައިގެންނެވެ.
އެގޮތުން ރައީސްގެ ކޫއްޑޫގެ ފިޝަރީޒް ކޮމްޕެލްކްސްއަށް ޒިޔާރާތްކުރައްވާ އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައި އެވެ. އަދި އެވަގުތު ކޫއްޑޫއަށް މިސްކިރަން ގޮސްތިބި ބައެއް ދޯނިތަކަށް އަރާވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއައްސަވާފައި އެވެ. ހުވަދު އަތޮޅުގެ މަސްވެރިންވަނީ މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތައް ރައީސް އާއި ހިއްސާކުރައްވައި މަސްވެރިކަމުގެ ސިނާއަތް ވަރުގަދަ ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސަށް ޝުކުރު އަދާކުރައްވާފައި އެވެ.
ރައީސް މުއިއްޒު އާއި އެދޯނިތަކަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްވެސް އަރާވަޑައިގެންނެވި އެވެ.
ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ވިދާޅުވެފައި އެވެ. މަސްވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން ބޭރުން އަންނަ ލޮޅުންތަކުގެ ހިރާސް އެންމެ ކުޑަ ސިނާޢަތްކަން ފާހަގަކުރައްވަމުން، ރަނގަޅަށް މަސައްކަތްކޮށްފިނަމަ އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނޭކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި މިއީ ދިވެހިންގެ އަމިއްލަ އަތް މަތީގައި އޮތް، ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނޭ ސިނާޢަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އަދި މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން މަސްވެރިންނާ ގުޅުންހުރި މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިގެން، މަސްވެރިންގެ ޚިޔާލާއެކުގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.