ވޭތުވެދިޔަ އަހަރު އެންވަރަމެންޓު މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް މިނިސްޓަރުގެ ޝުކުރު!
އަހުމަދު ޝުރާއު
1/6/2025, 3:07:47 PM
--
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް، މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
އިއްޔެ އެ މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޠާރިޤް ވަނީ 2025 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކާއި އިސްކަންދޭ ދާއިރާތަކުގެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން، މިނިސްޓްރީން ކަނޑައެޅި ގިނަ ލަނޑުދަނޑިތަކެއް ޙާޞިލުކުރެވިފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ އަހަރެއް ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މުވައްޒަފުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދެއްވައި، މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންގެ ޚިޔާލު ހޯއްދެވިއެވެ. މީގެއިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ޓީމް ސްޕިރިޓް އިތުރުކޮށް ކުރިއަށް އޮތް ތާނގައި ހުރިހާ މުވައްޒަފުން އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް މިނިސްޓަރ ވިދާޅުވިއެވެ.