--
އެސްޓީއޯ އިން މާފަންނުގައި އާ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.
އަލަށް ހުޅުވި އެސްޓީއޯގެ ފާމަސީ ހުޅުވީ މަޖީދީ މަގުގައި ހުންނަ ވޭލާ ފޯނު ފިހާރައާއި ޖެހިގެންނެވެ. މިއީ ގިނަ ކްލިނިކުތަކެއް ހުންނަ ހިސާބެއްކަމުން ޑޮކްޓަރަށް ދައްކާ ފަރާތްތަކަކަށް އެސްޓީއޯގެ ފާމަސީގެ ހިދުމަތް ކްލިނިކްތަކާއި ކައިރިން ލިބެންހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ފާމަސީ ހުޅުވުމާއި ގުޅިގެން އެސްޓީއޯ އިން ބުނީ އަލަށް ހުޅުވާފައިވާ ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށްފައިވާ ފާމަސީއެއް ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓުގެ އިތުރުން ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖްގެ ވަރަށް ގިނަ ތަކެތި ފާމަސީ އިން ލިބޭނެ ކަމަށެވެ.
ދެ ފަންގިފިލާ ހުންނަ މި ފާމަސީގެ ދެ ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ މެޑިކަލް އިކުއިޕްމެންޓްސް އާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓްސްތަކަށެވެ. އަދި އެ ފަންގިފިލާގައި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރެއް ހުންނާނެއެވެ.
އެސްޓީއޯ އިން ބުނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިއްމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ ސަބަބުން، ފާމަސީ ހުޅުވުމާއެކު ހިދުމަތް ހޯދަންދާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.މި ފާމަސީ ހުކުރު ދުވަސް ނޫން ހުރިހާ ދުވަހެއްގައި ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ އެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.