މީލާދީ އައު އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް ރައީސްގެ ދެކަނބަލުން ފޮނުއްވައިފި
އަހުމަދު ޝުރާއު
1/1/2025, 8:55:32 AM
--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، 2025 ވަނަ އަހަރުގެ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނަށްވެސް ތަހުނިޔާ ވިދާއެޅުވެފައިވެއެވެ.
ލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށްވެސް ރައީސް ވަނީ ޚާއްސަ ހިތާބެއް ދެއްވާފައި އެވެ. ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއްކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޤައުމީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެކަމަށެވެ. މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުންކަމަށާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ޚިޠާބުގައި އެމަނިކުފާނު ވަނީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ޞުލްޙަ މަޞްލަހަތު އިސްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައި އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.މީލާދީ އައު އަހަރާ ގުޅިގެން ރައީސް ފޮނުއްވި ޚިޠާބު ނިންމަވާލައްވާފައިވަނީ އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ބާރުއަޅުއްވަމުންނެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށްޓަކައި ޒިންމާދާރުކަމާއެކީ، ޤައުމު ބިނާކުރުމުގެ އަހަރުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.