ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާ ނަން ހަމަޖައްސަވައިފި
އަހުމަދު ޝުރާއު
12/29/2024, 4:52:59 PM
--
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާ ނަން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، 26 ޑިސެންބަރު 2024ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، އެ މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނޭ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިކަން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 26/2024 ނަންބަރު ދެންނެވުމުގައެވެ.
އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް، ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއެވެ.
ކެބިނެޓަށް ބަދަލުތަކެއް ރައީސް މުއިއްޒު ގެންނެވީ މިމަހުގެ 26 ވަނަ ދުވަހު އެވެ. އެގޮތުން ވުޒާރަތަކަށް ގެނައި ބަދަލުތަކާއި އެކު ވަޒީރުންވެސް ވަނީ ވުޒާރާތަކުން ބަދަލުކޮށްފައި އެވެ.
ގެނައި ބަދަލުތަކަކީ:
1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ. ބުރުނި، ނިވައިދޮށުގެ މޫސާ ޒަމީރު2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ ޑޮކްޓަރ މަރްޔަމް މާރިޔާ4. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
ސަރުކާރުގެ ބައެއް ވުޒާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ގެންނެވި ބަދަލުތަކާއެކު، ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ފިނޭންސަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 13 ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 491 އެވެ.