މާލޭގެ ތިން ސަރަހައްދެއްގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށްފި
އަހުމަދު ޝުރާއު
12/28/2024, 5:24:53 PM
--
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސްޓޯމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށްފި އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ހައްލެއްހޯދުމަށް ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގުޅިގެން މަޝްރޫއުއެއް ފެށީ މިއަހަރުގެ މޭ މަހުގެ ތެރޭގައި އެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތުތައް ހާމަކުރަމުން އާރްޑީސީން މިއަދު ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު އިރުމަތީ ކޮޅު، އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯރމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށް ކަނެކްޝަންތަކުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ.
މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވަމުންދާއިރު ސަރުކާރުން ފާއިތުވި 8 މަސްދުވަހު ކުރި މަސައްކަތުން މާލޭގައި ފެންބޮޑުވާ ގިނަ މަގުތަކުގައި މިހާރު ފެން ހިނދެން ނަގާ ވަގުތު ވަނީ ވަރަށް ބޮޑަށް އަވަސްވެފައި އެވެ.